English Edition
Dhivehi Edition
ދަ ރޯލްސް އިން ލިބެންހުރި ބައެއްކާނާތައް

އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.

މިދިޔަ ހަފުތާގައި އާންމުކުރި މި ގަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، މީގެ ކުރިން އަމަލުކުރަމުން އައި “ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު” މިހާރު ވަނީ އުވާލާފައެވެ.

އައު ގަވާއިދުގެ ތެރެއިން ކާބޯތަކެތި ބަންދުކުރަންވާނީ ހަމައެކަނި އެކަމަށް ހާއްސަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގައެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕޮލިއިތެލިން ޓެރެފްތަލޭޓް (ޕެޓް) ފުޅި ފަދަ ޕްލާސްޓިކް ފުޅީގައާއި، ކާބޯތަކެތި އެޅުމަށް ހާއްސަ ނޫން ކަންވާރުތަކުގައި ތަކެތި ބަންދުކުރުމަކީ މަނާކަމެކެވެ.އަމިއްލަ ނަމުގައި ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް އަސްލު އޮޅޭގޮތަށް ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރި އުފެއްދުންތައް ލޭބަލްކޮށް ބަންދުކުރުމަކީ ކުށެކެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އާންމު ސިއްހަތަށް ނުރައްކާވާ ފަދަ އިހުމާލެއް ވެއްޖެނަމަ 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަސްލު އޮޅޭގޮތަށް ލޭބަލްކުރުމުގެ އަދަބުތައް:

1 ވަނަ ފަހަރު: 10,000 ރުފިޔާއިން ޖޫރިމަނާ އަދި 7 ދުވަހަށް ލައިސަންސް ހިފެހެއްޓުން.

2 ވަނަ ފަހަރު: 100,000 ރުފިޔާއިން ޖޫރިމަނާ އަދި 15 ދުވަހަށް ލައިސަންސް ހިފެހެއްޓުން.

3 ވަނަ ފަހަރު: 750,000 ރުފިޔާއިން ޖޫރިމަނާ އަދި ލައިސަންސް/ރަޖިސްޓްރީ ބާތިލުކުރުން.

އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްހަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ އަމަލެއް ކުރި މީހަކު 1,000,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް އޮވެއެވެ.