English Edition
Dhivehi Edition
ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ ޒުވާނުން ސިފައިންގެ ހިދުމަތާ ގުޅުން

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗުން ދިވެހި ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައި ސާބަސް ރައްދުކުރެއްވައިފި އެވެ. ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ދަސްވެނިވި ކުދިންގެ ތެރެއިން 137 ދަރިވަރަކު ވަނީ ޤައުމީ ދިފާޢީ ބާރުގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، ރަސްމީކޮށް ސިފައިންގެ ޚިދުމަތާ ގުޅިފަ އެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ. އެމަނިކުފާނު ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ޖިސްމާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަސާސީ ތަމްރީނު ކޯހުން އެކި ވަނަތައް ހާސިލްކުރި ބައިވެރިންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ޖުމްލަ 344 ދަރިވަރަކު ދަސްވެނިވެފައިވާއިރު، މިހާރު ދަނީ މި ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދަމުންނެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 352 ދަރިވަރުންނާއެކު ކުރިއަށްދާ ތިން މަހުގެ މި ތަމްރީނުތަކުގައި ދިވެހި ޤައުމިއްޔަތާއި، ލީޑަރޝިޕާއި، ދީނީ ތަރުބިއްޔަތުގެ އިތުރުން ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ މުހިންމު ހުނަރުތައް ދަނީ ދަސްކޮށްދެމުންނެވެ.