އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި 25 އަހަރަށް އަދި އެކަމުގައި ބައިވެރިވުމުގެ ކުށުގައި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މާވިންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ.
މިއަދުގެ ޝަރީއަތުގައި ހަލީމަތު ލަމްހާގެ މައްޗަށް ހުކުމްކޮށްފައިވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގައި ޖުމްލަ 15 އަހަރާއި 4 މަހުގެ ޖަލަށްލުމަށެވެ. ނަމަވެސް އޭނާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އެ މުއްދަތު އުނިވާނެއެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އަދި އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އޭނާގެ ފަރާތުން ކޯޓުގައިވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ލަމްހާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައަޅަން ޖެހޭ ހާލަތެއް އަދި އަދަބު ދަށް ކުރަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ.