އިނގިރޭސި ޕްރިމިއަ ލީގުގައި އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީ އާއި ބާންލީ ބައްދަލު ކުރި މެޗު 1-1 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ.
ލީގުގައި ރޭ ބާންލީގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ އެއްވަރުވި ނަމަވެސް އަދިވެސް ސިޓީ އޮތީ ދެވަނަގައި އޮތް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑްއަށް ވުރެ 13 ޕޮއިންޓް ކުރީގައެވެ.
ރޭ ބާންލީގެ ދަނޑުގައި 1-1 ލަނޑުން އެއްވަރުވި ސިޓީ 69 ޕޮއިންޓާ އާއި އެކު ލީގުގެ އެއްވަނާގައި އޮތް އިރު ދެވަނާގައި އޮތީ 56 ޕޮއިންޓާއު އެކު ރޭ ރަށުން ބޭރުގައި 2-0 ލަނޑުން ހަޑްލްފީޑް ބަލިކުރި ޔުނައިޓެޑްއެވެ.އަދި ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތް އިރު ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ.
ރޭ ބާންލީގެ ދަނޑުގައި މޮޅު ކުޅުމެއް ސިޓީން ދައްކާފައިވާއިރު ރޭގެ މެޗުގެ 22 ވަނަ މިނެޓްގައި ޑެނީލޯ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ލީޑު ފުޅާކޮށްލަން ސިޓީ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
މި ފުރުސަތުތަކުގެ ބޭނުން ސިޓީން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނެޓްގައި ބާންލީ މެޗުގެ ނަތީޖާ ހަމަހަމަކޮށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީގެ އަތުން ތިން ޕޮއިންޓް ގެއްލުވާލާފައެވެ.ރޭގެ މެޗުގައި ބާންލީ ޕޮއިންޓެއް ކަށަވަރުކުރި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ގުޑްމުންޑްސްއެވެ.