މިއީ ހަމައެކަނި ރާއްޖެއަށް އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތަކެތީގެ ވާހަކައެއް ނޫނެވެ. މިއީ މަކަރާއި ހީލަތުގެ ދާގަނޑެއްގައި ޖެހި، މަސްތުވާތަކެތީގެ ކެރިއަރުންނަށް ބަދަލުވި ކަމަށް ބުނާ ޒުވާން ދަރިވަރުންތަކެއްގެ ވާހަކައެކެވެ.
މާޗު މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ ޒުވާނުން ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) އަދި ކަތިރިވިލް މަނިމަރަން (21އ) ގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކުން މުޅި މައްސަލައަށް މިވަނީ އެހެން ދިމާލަކަށް އެބުރިފައެވެ. ޔުނިވަރސިޓީއެއްގައި ކިޔަވަމުންދާ ދަނޫޝްކާނދަންގެ ވަކީލު ކޯޓުގައި ބުނި ގޮތުގައި، އޭނާގެ މުވައްކިލަކީ އެއްވެސް ކުށެއް ނެތް މައުސޫމު ކުއްޖެކެވެ. އޭނާ ރާއްޖެއަށް އައީ ބަޔަކު ރޭވުންތެރިކަމާއެކު ހިންގި “ގުރުއަތަކުން” ހޮވިގެން ލިބުނު ފުރުސަތެއްގައެވެ. އަދި އޭނާގެ އަތަށް ދިން ފޮށިތަކަކީ ރާއްޖޭގެ ބާޒާރަށް ތައާރަފްކުރާ “މުދަލުގެ ސާމްޕަލްތަކެއް” ކަމަށް ބުނެ ހަވާލުކުރި ތަކެތި ކަމަށް ވަކީލު ފާހަގަކުރިއެވެ.
“މިއީ މައުސޫމު ކުދިންތަކަކަށް އޮޅުވާލައިގެން، އެކުދިން ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ބައިނަލްއަގުވާމީ ނެޓްވޯކްތަކުން ހިންގާ ޖަރީމާއެއް،” – ދިފާއީ ވަކީލު
ދިފާއީ ވަކީލުގެ މި ވާހަކަތަކަށް ފުލުހުންގެ ތަހުގީގު ޓީމުން މުޅިން އެއްބަހެއް ނުވެއެވެ. ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި: މިފަދަ އޮޅުވާލުންތަކުގެ ތެރެއިން މަސްތުވާތަކެތި އެތެރެކުރި އިތުރު 4 މައްސަލައެއް މިހާރުވެސް ދަނީ ބަލަމުންނެވެ. ނަމަވެސް، ކޮންމެ މައްސަލައެއްގައި ހައްޔަރުކުރެވޭ މީހުންގެ ބައިވެރިވުން ހުންނަ މިންވަރު ތަފާތެވެ. ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި ދަނޫޝްކާނދަންގެ އަމަލީ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި ދެން ހިމެނޭ ދިވެހި ޒުވާނާ، ގދ. ގައްދޫ އަލީ އިރުފާން (28އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ދަނޫޝްކާނދަންގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 45 ދުވަސް ޖަހާފައެވެ.
އިންޑިއާގެ ޒުވާނުންނަށް އޮޅުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރުވާ މައްސަލަ އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، އެގައުމުގެ ޒުވާނުން މިފަދަ މަޅިތަކުގައި ނުޖެހުމަށް ސަމާލުވާން އެދިފައެވެ.