English Edition
Dhivehi Edition

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިއީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ތިމާވެށީގެ ދާއިރާއަށް އާންމުކޮށް ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރާނޭ ބަޖެޓެކެވެ. މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން” އަށް ރިއާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމީ އަދި ފަރުދީ ފެންވަރުގައި އަމަލީ ގޮތުން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.

މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ތަންތަނުގެ ދިރުންތައް ބެލެހެއްޓުމަށާއި، ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުމަށެވެ. މީގެ އިތުރުން، ތިމާވެށީގެ ދިރާސާތައް ކުރުމާއި، މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް ވެސް މި ބަޖެޓުން ހޭދަކުރާނެއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މާލީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބުން ކަމަށްވާއިރު، މި އާ ބަދަލާއެކު ދުރުރާސްތާގެ މަޝްރޫއުތައް ރާވައި ހިންގުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ސާފު ފަރުތަކުގެ ދިރުންތަކަކީ ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަން ބަރޯސާވާ މައިގަނޑު އަސާސް ކަމަށްވުމުން، މި ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ނިންމުމާއެކު ފާއިތުވި އަހަރުތަކުގައި ގްރީން ފަންޑުން ތިމާވެށްޓަށް ދެމުންދިޔަ އަހަންމިއްޔަތުކަން އިތުރަށް ހަރުދަނާވެ، އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.