ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވާފައި ވަނިކޮށް، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ވެސް އޭނާ ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައި ނާޒިމް އެ މަގާމުން ވަކިކުރިކަން އިއުލާނު ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ނަމަވެސް، މި ނިންމުން ނިންމެވި ސީދާ ސަބަބެއް ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ ހުރިހާ މަޖިލީސް މެންބަރުންގެ ސޮޔާ އެކު މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ ކުއްލިއަކަށެވެ. އެ ގަރާރުގައި ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮށް ނާޒިމް ވަނީ އަމިއްލަފުޅަށް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު، މަޖިލީހުގެ އައު ނައިބު ރައީސަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިހާރު ވަނީ އިންތިޚާބު ކޮށްފައެވެ.