ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަޔަކާ ގުޅިގެން ކުރީގެ ކާނަލް އަހުމަދު ފަޔާޟް އަލީ ރިޟާ (ޕާޕާ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި އަބުރުގެ ދައުވާ އެ ކޯޓުން ބާތިލްކޮށް، މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލައަކީ މޭ 6، 2025 ގައި ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި އަޙުމަދު ފަޔާޒް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ނ. މަނަދޫ، ނޫރީގެ، އަހުމަދު ސިޔާމްގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ބުނެ، އޭގެ ބަދަލު ހޯދުމަށް ސިޔާމްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
ސިވިލް ކޯޓުން މި ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާލާފައިވަނީ ޖޫން 1, 2026 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުމަށް ދައުވާކުރާ އަހުމަދު ސިޔާމް ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލަކު ވެސް ހާޒިރުވެފައި ނުވުމުންނެވެ. ކޯޓުން މި ގޮތަށް ނިންމާފައިވަނީ ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އިޖުރާއީ ގޮތުން ދައުވާކުރާ ފަރާތުން އިޙުމާލުވުމުގެ ސަބަބުންނެވެ. އެހެންކަމުން މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މައުޟޫއީ ގޮތުން އެއްވެސް ގޮތެއް ނުނިންމައެވެ.
ކާނަލް ޕާޕާއަކީ 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ، ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން، ހައި ކޯޓުން އެ ދެ ހުކުމްވެސް ބާތިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ މިހާރު އުޅުއްވަނީ ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ޕީއެންއެފްގެ އެންމެ އިސް ސިޔާސީ ހަރަކާތްތަކުގައެވެ.