English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑެތި އެހެން މަޝްރޫއުތައް ކަމަށްވާ ގުޅީފަޅާއި ގިރާވަރުފަޅުގެ މަސައްކަތްތައް ވެސް އެއްވެސް ހުއްޓުމެއް ނެތި ރޭވިފައިވާ ގޮތަށް ދަނީ ކުރިއަށެވެ. އެގޮތުން އާރުޑީސީގެ އުޅަނދުތައް ބޭނުންކޮށްގެން ގުޅީފަޅު ތަރައްގީ ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އެތަނުން ގޯތި ދޫކުރުމުގެ ކަންކަންވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރިމަތިވި ބައެއް ދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް، އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ދިމާވި ދަތިތައް މިހާރު ވަނީ އެއްކޮށް ހައްލުކުރެވިފައެވެ.

ތެޔޮ ލިބުމުގެ ދަތިކަން ހައްލުވުމާ އެކު، މީގެ ކުރިން މަޑުޖެހިފައި ހުރި ތަރައްގީގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތަރައްގީގެ މިފަދަ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތް ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.