English Edition
Dhivehi Edition
ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އިދިކޮޅު ކޯލިޝަންތައް ހަދައި، ކުރީގެ ރައީސުން އެކުގައި މަސައްކަތް ކުރަން އެއްބަސްވަމުންދަނީ އެ ބޭފުޅުންނަށް ނުކުރެވުނު ކަމެއް ރައީސް މުއިއްޒު ހާސިލްކުރައްވައި، ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާފާނެތީ އޮތް ބިރެއްގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އއ. ތޮއްޑޫއިން ވެރިކަން ކުރާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް އެހެން ވެރިއަކަށް ދެވަނަ ދައުރެއް ލިބިދާނެތީ އެކަމާ ޖެހިލުންވަނީ ކަމަށާއި މިއީ މިއަދުގެ ސިޔާސީ ހަގީގަތް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން ފޯރުކޮށްދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ހަމައެކަނި ލީޑަރެވެ. ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގައުމަށް އެތައް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިއަދާ ހަމައަށް އެއްވެސް ސަރުކާރަކުން އަޅާނުލާ މިންވަރަށް މި ސަރުކާރުން ސަމާލުކަން ދީގެން ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް ހިދުމަތްތައް ލިބޭނެ ގޮތްތަކެއް ހޯއްދަވައިދެއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

“މި ސަބަބުތަކަށްޓަކައި ރައީސް މުއިއްޒު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިޚާބުވާ ފުރަތަމަ ރައީސަށް،” ޝާހިދު ވިދާޅުވިއެވެ.

އިދިކޮޅުން މަގުމަތީ ހަރަކާތްތައް ވަރުގަދަކުރަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނުގަންނަވައި ޝާހިދު ވިދާޅުވީ ބައެއް ބޭފުޅުންނަށް ކެތްނުކުރެވެނީ ގައުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފެނުމުން ކަމަށެވެ.

މީގެ އިތުރުން ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، މީގެ 20 އަހަރު ކުރިން ރާއްޖޭގެ ވެރިކަން ބަދަލުކުރި ގޮތަށް ދެން މި ގައުމުގެ ވެރިކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ޕީއެންސީއަކީ ވެރިކަން ބަދަލުކުރަން މާ ފަރިތަ ޕާޓީއެއް ކަމަށާއި، ނަމަވެސް އެ ޕާޓީން އެކަން ކުރަނީ އިންތިހާބުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މިސާލަކީ 2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުކުރުން ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޕީއެންސީގައި މިހާރު 70،000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށާއި، އެ ހުރިހާ މެންބަރުންވެސް ތިބީ ރައީސް މުއިއްޒާއެކު ސާބިތުވެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޕާޓީގެ ތެރޭގައި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުން، ހާއްސަކޮށް އޭނާގެ އަމިއްލަ ދާއިރާ ކަމަށްވާ ހުޅުދޫ ދާއިރާއިން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަބަބަކީ ލާމަރުކަޒީ ގާނޫނު އައިފަހުން، އަބަދުވެސް އެމްޑީޕީގެ ކޮންޓްރޯލް އޮންނަ އައްޑޫ ސިޓީ ހުޅުދޫ ފަދަ ދާއިރާތަކުން ފުރަތަމަ ފަހަރަށް މެޖޯރިޓީ ހޯއްދަވައިދެއްވި ހަމައެކަނި ރައީސަކީ ރައީސް މުއިއްޒު ކަމަށްވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.