ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަން ނިންމާލުމަށްފަހު, ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތަކާއި ހޯދި ސާމާނުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ޑޭން ޔޫރަޕް އިން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން ވަނީ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައެވެ. މޫސުން ގޯސްވުމާއި، ވައި ގަދަވެ އޮއި ބާރުވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވި ނަމަވެސް، ޖުމްލަ ތިން ގަޑިއިރުގެ ޑައިވްއެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މީގެ ތެރެއިން 50 މިނެޓު ހޭދަކުރީ ހޮހަޅައިގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ އިޓަލީގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލި ފުންޏެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާގައި އިޓަލީގެ ފަސް ފަތުރުވެރިންގެ އިތުރުން، އެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. މަހުދީގެ މަރު ހިނގި ގޮތް ދިވެހި ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި އޮޕަރޭޝަންގައި ފިންލޭންޑްގެ މާހިރުންގެ ޓީމަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން ފުލުހުންގެ ޑައިވިން ޔުނިޓްތަކުން ބައިވެރިވެފައިވެއެވެ. އަދި މި މަސައްކަތުގައި ޑައިވަރުން ބޭނުންކޮށްފައިވަނީ ކްލޯޒްޑް-ސާކިޓް ރީބްރީތާ އާއި ޑީޕީވީ ފަދަ އެންމެ ޒަމާނީ ވަސީލަތްތަކެވެ.
މި ހާދިސާއާ ގުޅޭ ޖިނާއީ ތަހުގީގެއް އިޓަލީ ސަރުކާރުން ވެސް މިހާރު ވަނީ ފަށާފައެވެ. ޑޭން އިން ވަނީ މި މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.