ސްރީލަންކާއަށް އެތެރެވުމުގެ ކުރިން “އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން” (އީޓީއޭ) އެއް ހޯދަންޖެހޭ ގޮތަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، މި ހިނގާ މެއި މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް އެ ހުއްދަ ހޯދަން ޖެހޭގޮތަށް ލަންކާ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މި ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނީ، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުރުމުގެ ކުރިން އޮންލައިންކޮށް އީޓީއޭ ފޯމް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެއާޕޯޓަށް ދިއުމުގެ ކުރިން ލަންކާގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް މި ފޯމް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާ ސަރުކާރުން ‘އީޓީއޭ’ ހޯދަންޖެހޭ ގޮތަށް ނިންމި ނަމަވެސް، ދިވެހިންނަށް ވިސާ ދިނުމަށް ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގިތުން ކުރިއެކޭ ވެސް އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި ލިބޭނެއެވެ. ‘އީޓީއޭ’ އަކީ ހަމައެކަނި އެ ގައުމަށް އެތެރެވުމުގެ ކުރިން ހޯދަންޖެހޭ ދަތުރުފަތުރުގެ ހުއްދައެކެވެ.
ސްރީލަންކާގެ އިމިގްރޭޝަން އުސޫލަށް ގެނައި މި ބަދަލާ ގުޅިގެން ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ދިވެހި ސަރުކާރުން މިހާރު ވެސް ސްރީލަންކާ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް ބާއްވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.