ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އެ ގައުމުން ނިންމައިފިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވ ގޮތުގައި، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ނަތީޖާ ނެރެދެނިވި ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެކެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އޭނާ، ވިދާޅުވީ މި މުހިންމު ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތަފްސީލު ހިއްސާކުރަމުން ތަރުޖަމާނު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނާ ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމާ ގުޅޭގޮތުން ސީދާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ، ހާއްސަކޮށް ކަޅުބިލަމަހުގެ ޑިމާންޑް އިނގިރޭސިވިލާތުގައި ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. ދިވެހި މަހަކީ ދުނިޔޭގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ، ދެމެހެއްޓެނިވި ގޮތެއްގައި ދޫނިޖަހައިގެންނާއި އަތުނުލާ ބާނާ ތާޒާ މަހަށް ވާތީ، އެ ގައުމުގެ މާކެޓުގައި އެއަށް އޮތް ޝައުގުވެރިކަން ބޮޑުކަން ރައީސް ވަނީ ބާރުއަޅުއްވައި ވިދާޅުވެދެއްވާފައެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ބޭރުގެ ބާޒާރުތަކުން ކުރިއަށްވުރެ ރަނގަޅު އަގު ލިބި، ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ބަދަލާއެކު ދިވެހި މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެ، ބައިނަލްއަގުވާމީ މާކެޓުގައި ދިވެހި މަހުގެ ވާދަވެރިކަން ބޮޑުވެގެންދާނެއެވެ.