English Edition
Dhivehi Edition
ސަފީރު މަސްއޫދު އާއި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ ބައްދަލުކުރެއްވުން

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ އޭނާއާ ބައްދަލުކުރައްވައިފިއެވެ.

އެ ގައުމުގެ އިދިކޮޅު ޕާޓީ، އެސްއެލްޕީ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ “ގެ” ކަމުގައި ސިފަކުރައްވާފައެވެ. ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމުކަން ފާހަގަކުރައްވަމުން ނަމާލް ވިދާޅުވީ އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށެވެ.

ލަންކާގެ ‘ޑެއިލީ ނިއުސް’ އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމުގައި މަސްއޫދު ވިދާޅުވިއެވެ.