ދިވެހި ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަގުހުރި ޝަހުސިއްޔަތެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫގް އަހުމަދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މަރުހޫމްގެ އާއިލާއަށާއި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ފާރޫގް އަހުމަދަކީ ދިވެހި ދައުލަތުގެ އިދާރީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފުވައްމުލަކު އަތޮޅުވެރިކަމުގެ މަގާމާއި، އެ ސިޓީގެ އިދާރީގޮތުން ހިންގުމުގެ އެކި މުހިންމު މަގާމުތައް ފުރުއްވައި، އަތޮޅުގެ ތަރައްގީއަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ.
ފާރޫގް އަހުމަދަކީ ހަމައެކަނި އިދާރީ ހިންގުންތެރިއެއް ނޫނެވެ. އޭނާއަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހި ތާރީހަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު، އިލްމީ ބޭފުޅެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ މަރުހޫމް ފާރޫގް އަހުމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، اللهގެ ތަނަވަސް ރަހުމަތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފަ އެވެ.