English Edition
Dhivehi Edition
ބީއެމްއެލްގެ އާ ޕްރޮގްރާމްގެ ދަށުން 30 މުވައްޒަފަކު ޗާޓަޑް ބޭންކަރުންނަށް ހަދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޕްރޮގްރާމްގެ ދަށުން އެ ބޭންކުގެ 30 މުވައްޒަފަކު ޗާޓަޑް ބޭންކަރުންނަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

“ޗާޓަޑް ބޭންކާ ޕްރޮގްރާމް” ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ ބޭންކަރުން ބިނާކުރުމަށާއި، ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި ބޭންކުން ފެށި މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމަކީ ޗާޓަޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީ މަހުގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހިމެނޭ ބީއެމްއެލްގެ 30 މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ކޯސް ފުރިހަމަކޮށް ނިންމާނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތައް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.