English Edition
Dhivehi Edition
ފޮރިން މިނިސްޓަރު ހަލީލް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގައި

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކާއި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.

މި ގަރާރަކީ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން ގުޅިގެން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެކެވެ. މީގެ މައިގަނޑު ބޭނުމަކީ ހޮރްމޫޒު ކަނޑުއޮޅީގެ ސަލާމަތާއި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ހުރަސް އެޅުނަނުދީ ހިމާޔަތްކުރުންވެސް މި ގަރާރުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ގަރާރު ކޯ-ސްޕޮންސާ ކުރަން ރާއްޖެއިން ނިންމި ނިންމުމާ ގުޅޭގޮތުން ހާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މީގެ ސަބަބުން ‘ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ’ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ ޖަޒީރާ (އާޗިޕެލަޖިކް) ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ރާއްޖެއިން މި ނިންމުން ނިންމާފައިވަނީ ހަރުދަނާ އިސްތިސްނާތަކަކާ އެކުގައެވެ. އެގޮތުން މި ގާރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް، ކަނޑުގެ ސަރަހައްދީ އިހްތިސާސަށް، ނުވަތަ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރުމުން ދިވެހިރާއްޖެ އިސްތިސްނާވާނެއެވެ.

ގަލްފު ސަރަހައްދުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށާއި، ބައިނަލްއަގްވާމީ ވިޔަފާރިއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ މުދާ އުފުލާ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ކުޑަކުރުމަށް އިސްކަންދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް ބާރުއަޅަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.