ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަސްޓް ލޭޑީ އާއި އެމަނިކުފާނާ ދެމެދު މައްސަލަޖެހިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަސްޓް ލޭޑީ އިނގިރޭސިވިލާތަށް ވަޑައިގަތީ އެ ގައުމުގައި ކިޔަވަން ހުންނެވި ދަރިކަލުންނާ ބައްދަލުކުރެއްވުމަށް މާ ކުރިން ރޭވިފައިވާ ދަތުރުފުޅެއްގައި ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަން ވެސް ބަދަލުކޮށްލީ އެމީހުން ބޭނުންވާ ފަދަ ދޮގު މަންޒަރެއް ދެއްކުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ މިފަދަ އަމަލުތަކަކީ ޒުވާނުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ހަރަކާތެއް ކަމަށާއި، މިހާރު އިދިކޮޅުގައި ތިއްބެވީ “ފެއިލްވެފައިވާ” ބައެއް ކަމަށެވެ. ކިތަންމެ ވަރަކަށް އެމަނިކުފާނާއި އާއިލާއާ ބެހޭގޮތުން ދޮގު ފެތުރިޔަސް، ގައުމަށް ހިދުމަތް ކުރުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.