ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މައިދާނުން ގެއްލިފައި ތިބި ބައެއް ބޭފުޅުން “ކުއްލިއަކަށް ހޮރުހޮރުން” ނުކުމެވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވަނީ ވަކި ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް ކަމަށެވެ. މިހާރު ފެންނަ ހަރަކާތްތަކަކީ 2028 ގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނާ ވާދަކުރާނެ “ޓިކެޓެއް” ހޯދުމުގެ ވާދަވެރިކަން ކަމުގައި މުންދު ވިދާޅުވިއެވެ.
އެ ތިން ރައީސުންނަކީ މީގެ ކުރިން އެކަކު އަނެކަކު ހައްޔަރުކޮށް، ސިޔާސީ ގޮތުން އެންމެ ބޮޑު ދުޝްމަނުންގެ ގޮތުގައި ތިއްބެވި ބޭފުޅުންކަން ފާހަގަކުރައްވަމުން މުންދު ވިދާލުވީ އެ ބޭފުޅުންގެ ވެރިކަންތަކުގައި ކަންކަން ހިނގާފައިވާ ގޮތުން، ރައްޔިތުން އެ ބޭފުޅުންނަށް ދެވަނަ ދައުރެއް ދީފައި ނުވާކަމަށެވެ.
“އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވެސް މިހާރު އުޅެނީ މި އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ޔަގީން ނުވެގެން ނޫންތޯ” މުންދު ވިދާޅުވިއެވެ.
މި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމެވީ ކޯޓު އަމުރަކާ ހިލާފުވެގެން ހައްޔަރުކުރި ދެ ނޫސްވެރިއެއްގެ މައްސަލައާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ ގާނޫނާ ހިލާފުނުވާހާ ހިނދަކު އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނާޅާނެ ކަމަށެވެ.