English Edition
Dhivehi Edition
ވައިބާ އެޕްގެ އައިކޮން - ފޮޓޯ: ގޫގުލް

ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތްކުރުމުގައި އާންމު ރައްޔިތުން މިއަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މިފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު މިފަދަ އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގިނަ ފަހަރަށް ކުށްވެރިން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އިޝްތިހާރުތައް ބޭނުންކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ ފަރާތްތަކުން “ބުކިން ފީ”، “ސޭފްޓީ ޑިޕޮސިޓް” ނުވަތަ “ޑެލިވަރީ ޗާޖް” ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދައެވެ. ނަމަވެސް، އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބޭންކް ޓްރާންސްފަރ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތަކެއްކަން ފާހަގަކޮށް ފުލުހުން ވަނީ މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ހިންގަމުން ދާކަމަށް ބުނެފައެވެ.

މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން ކުށްތަކުގައި ބައިވެރިކުރުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިންގފަދަ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމާއި އަދި އިތުރު މީހުން މިފަދަ ގްރޫޕްތަކަށް ވެއްދުން ހިމެނެއެވެ. މިއީ އެމީހަކު ބޮޑެތި ގާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަންކަންކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • އޮންލައިންކޮށް ހިންގާ ގާނޫނާ ހިލާފު އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް މަސައްކަތް ނުކުރުން.
  • ނުދަންނަ މީހުންނަށް ނުވަތަ ނޭނގޭ އެކައުންޓްތަކަށް ފައިސާ ނުފޮނުވުން.
  • ބޭންކް ސްލިޕް، ޒާތީ ލިޔެކިޔުން ނުވަތަ އަމިއްލަ އެއްވެސް މައުލޫމާތެއް ނުދަންނަ މީހުންނާ ހިއްސާ ނުކުރުން.
  • އާދަޔާ ހިލާފު ބޮޑެތި ފައިދާތައް ހުށަހަޅާ ޕްރޮފައިލްތަކާއި އަދި އަވަހަށް ފައިސާ ދެއްކުމަށް މަޖުބޫރުކުރާ ފަރާތްތަކަށް ސަމާލުވުން.
  • ބިރުދައްކައި ބްލެކްމެއިލް ކުރަން ފަށައިފިނަމަ، އިތުރަށް ވާހަކަ ނުދައްކައި އަދި ފައިސާ ނުފޮނުވުން.
  • ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓް، ޔޫޒަރނޭމް، ފޯނު ނަންބަރު އަދި އެކައުންޓް ތަފްސީލު ރައްކާކުރުން.
  • ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ރިޕޯޓްކުރުން.
  • އެކައުންޓްގެ މައުލޫމާތު ކުށްވެރިންނަށް އެނގިފައިވާނަމަ، ލަސްނުކޮށް ބޭންކަށް އެކަން އެންގުން.

މިފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ ތިމާއާއި އެހެން މީހުން މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅުކަން ފާހަގަކޮށް ފުލުހުން ވަނީ ޝައްކު އުފެދޭ މުއާމަލާތަކުން ދުރުހެލިވެ، އަބަދުވެސް ހޭލުންތެރިވެ ތިއްބެވުމަށް އިލްތިމާސްކޮށްފައެވެ.