ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ގާނޫނާ ހިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މިހެން ވިދާޅުވީ 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި، ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، ގާނޫނަކާ ހިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަގީންކަން، އިސް ތަރުޖަމާނު ދެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް، އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ހައްގުތަކާއި، އިހުތިޔާރުތަކާއި، ބާރުތަކާއި، ޒިންމާތައް ހުންނާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި، ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިހުތާރުމުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންގެ ބާރު ކެނޑޭނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންނަށް އޮންނަ ޤާނޫނީ ބާރުތައް ހަނިވާގޮތަށް، މި ސަރުކާރުން ޢަމަލު ނުކުރައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރުކުރެއްވިކަމުގައިވިޔަސް، ކޯޓު އަމުރާ ގުޅޭ ކަންކަން ތަންފީޒުކުރައްވާނީ، ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
10 މޭ ގައި ކްރިމިނަލް ކޯޓުން ނެރުއްވި ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައި، އެކަން ސާފުކުރެއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
16 ނޫސްވެރިންނާއެކު މިއަދު ކުރިއަށްގެންދަވާފައި ވަނީ، ”ޕްރެސަރ ވިތު ދަ ސްޕޮކްސް” ގެ ހަތަރު ވަނަ ބައްދަލުވުމެވެ.