English Edition
Dhivehi Edition
ހީނާ ވަލީދު/ފޮޓޯ: ރައީސްއޮފީސް

މިއަދުގެ ކުޑަކުދިންނަށް ދިވެހިބަހުން މުއާމަލާތުކުރަން ނޭނގުމަކީ ނުހަނު ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ހީނާ ވިދާޅުވީ، ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި މަސައްކަތްކުރާ ބައެއްކަމުގައި އެންމެން ވާންޖެހޭ ކަމަށެވެ. އަދި ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ބަހާއި ސަގާފަތަށް ލޯބިޖެއްސޭނީ މިއަދު މައިންބަފައިން ކުރާ މަސައްކަތުން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

މިކަމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، މިއަދުގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން “އަޅުގަނޑުމެންގެ ދަރިން ކޮންމެވެސް ބޭރު ނެނީއެއް ކައިރީ ބަހައްޓާފައި، މަސައްކަތް ކުރަން ދާން” ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ކުދިންނަށް ދިވެހި ބަހުން މުއާމަލާތުކުރުމަށް ލިބޭ ވަގުތު ވަރަށް މަދުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ތިން ގޮތަކަށް އެކުދިންނަށް އަމާޒުކޮށްގެން ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަރުބަވީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި އަދި އިޖުތިމާޢީ ގޮތުން އެކުދިންނަށް މިކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ހީނާ ވިދާޅުވިއެވެ.