English Edition
Dhivehi Edition
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް އޭނާ ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ރަސްމީކޮށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރުގައި ނާޒިމާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

މި ގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާކަމަށް ގަރާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މެންބަރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ޕީއެންސީން ތުހުމަތު ކުރެއެވެ. އަދި ނައިބު ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކަށް ހުރަސްއަޅާ ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކުކުރުމަށް ގަރާރު ހުށަހަޅާފައިވަނީ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކުގައެވެ. އިއްޔެގެ ވަގުތެއްގައި ނާޒިމް ވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ. މަޖިލީހުގެ ޖުމްލަ 93 މެންބަރުންގެ ތެރެއިން ޕީއެންސީގައި 76 މެންބަރުން ތިއްބަވައެވެ. އެހެންކަމުން، ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބިގެންވެއެވެ.