English Edition
Dhivehi Edition
ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ

މާލޭގެ މަގުތަކުގައި ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 7 ފިރިހެނުން އަދި 2 އަންހެނުންނެވެ

ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކުރީ އެއްވުން ކޮންޓްރޯލްކޮށް އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތަށް ހުރަސްއެޅުމާ ގުޅިގެންނެވެ. މި އެއްވުމަކީ “ލީވާން އަދި ޝަހުޒާންއާ އެކު ސާބިތުވެ ތިބިކަން” ހާމަކުރުމަށް ބޭއްވި އެއްވުމެކެވެ. ސުލްހަވެރިކަމާއެކު ފެށި މި އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކުރުމުންނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އިސް ސަފުގައި ހަރަކާތްތެރިވި ފިރިހެން ފުލުހަކަށް ވަނީ އަނިޔާވެފައެވެ. އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާގެ ލޯމަތި ވަނީ ފަޅައިގެން ގޮސްފައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ރަނގަޅުވުމުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އަދި އެ ސަރަހައްދަށް އިތުރު ފުލުހުން ނެރެ، އަމަން ގާއިމުކޮށްފައެވެ. ހައްޔަރުކުރި 9 މީހުންގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.