English Edition
Dhivehi Edition

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން މިއަދު ރަސްމީކޮށް ފައްޓަވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ދެވަނަ ދައުރަކަށް 2018 ވަނަ އަހަރު ކުރިމަތި ލުމަށް ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެއްޓެވީ، އިއްޔެ ހަވީރު ވެސްޓްޕާރކް ސަރަޙައްދުގައި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހާ ދިމާލުން ފެށި ރެލީގެ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަދައްކަވަމުން ޚުދު ރައީސް ޔާމީން އަމިއްލަފުޅަށެވެ.

ބިސްމީގެ ބަރަކާތުން ރައީސް ޔާމީން އެމަނިކުފާނުގެ ކެމްޕެއިން ފެއްޓެވިކަން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒު ޢަލީ ކުރައްވާފައިވާ ޓްވީޓްއިންވެސް ވަނީ ހާމަވެފައެވެ. މިޓްވީޓްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މިއަދު ރަސްމީކޮށް ރައީސް ޔާމީން ފެއްޓެވިވާހަކައެވެ.

ރައީސް ޔާމީނަށް ތާއިދު ނެތް ކަމަށާއި ސަރުކާރު ފެއިލް ވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބާރަށް ބުނަމުން އަންނަނިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީން އަށާއި ސަރުކާރަށް ތާއީދު ކުރައްވާ ދިވެހި ރައްޔިތުން މިއަދު ބޭއްވި ރެލީގެ ތެރެއިން، މާލޭގައި ބޭއްވި ރެލީގައި ވެސްޓް ޕާކް ސަރަޙައްދަށް އެއްވި ދިވެހި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު މިވަގުތު ވެސް ތާއީދު އޮތީ ކޮން ބޭފުޅަކަށް ކަން ހާމާ ވެގެން ދާ ކަމަށެވެ. ރައީސް ޔާމިން މި ރެލީގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ އިދިކޮޅުގައި ތިއްބެވީ ބާލިޣުވެފައި ތިއްބަސް ރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަނުވާ ކުދިންކޮޅެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ އަކީ އެމަނިކުފާނު ވިދާޅުވާ ވާހަކައެއް ނޫން ކަމަށާއި އެއީ، މިހާރު އިދިކޮޅު ބޭފުޅުންގެ އެންމެ ކައިރި މިތުރު އަދި 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި އެބޭފުޅުންގެ އެންމެ ބޮޑު ހަތުރު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމް 2008 ވަނަ އަހަރު ކެމްޕެއިންގައި ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ވިދާޅުވި ވާހަކައެއް ކަމަށެވެ.

އެހެން ކަމުން ރައީސް މައުމޫނުގެ އެވާހަކަތަކުން ހިތްވަރު ލިބިގަނެ ދިވެހި ރައްޔިތުންނާއިގެން، ތަރައްޤީގެ އުސް ހަރުފަތްތަކަަށް ދަތުރުކުރުމަށް މިއަދުވެސް މިހިރީ ތައްޔާރަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނެއްގެ ސަރުކާރެއްގައި ދުވަހަކުވެސް ރައްޔިތުންނަށް ގެއްލުންވާ ފަދަ ނުކުރައްވާނެ ކަމަށާއި އަދި ދައުލަތުން ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވާ އޮޅުވާލާ ނުހަދާނެކަމަށެވެ.