English Edition
Dhivehi Edition
ޕްރެސް ފްރީޑަމް ޑޭގައި ނޫސްވެރިން ބޭއްވި އެއްވުން--- ފޮޓޯ: ވަގުތު

ރިޕޯޓާޒް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން އަހަރަކު އެއް ފަހަރު ނެރޭ ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ވެއްޓި މިހާރު އޮތީ 100 ގެ ވަނައިގަ އެވެ. ކޮންމެ އަހަރަކު އެއްފަހަރު މި ރިޕޯޓް ނެރޭއިރު، މިދިޔަ އަހަރު އޮތީ 87 ވަނައިގަ އެވެ. މިހާރު ރާއްޖެ އަކީ “ޕްރޮބުލޮމެޓިކް” ކެޓަގަރީ ނުވަތަ ނޫސްވެެރިކަމުގެ މިނިވަންކަމަށް ހުރަސްތަކާއި ގޮންޖެހުންތައް ހުރި ގައުމުތަކުގެ ކެޓަގަރީގައި ހިމެނޭ ގައުމެކެވެ.

ރާއްޖޭގެ ދަރަޖަ ދަށްވުމާ ގުޅޭ ގޮތުން، އާރުއެސްއެފްގެ އޭޝިޔާ ޕެސިފިކް ޑެސްކުގެ ވެރިޔާ، ޑެނިއަލް ބެސްޓާޑް ވިދާޅުވީ، ރާއްޖޭގެ ރޭންކިން އިތުރަށް ދަށަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާ އޭނާ ވިދާޅުވީ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށާއި، ރައްކާތެރިކަން ފޯރުކޮށްދޭން ނުކުޅެދިފައިވާ ކަމަށެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން އައި ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި އަދިވެސް އިންސާފު ހޯދައިދެވިފައި ނުވާއިރު، މިދިޔަ އަހަރުތައް ތެރޭގައި ގިނަ އަދަދެެއްގެ ނޫސްވެރިންނަށް ބޮޑެތި އިންޒާރުތަކެއް ދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ކޮންމެވެސް ވަރަކަށް ދަށްވުމުގެ ސަބަބެއް ކަމުގައި ބެލެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުގެ ހަރުދަނާކަން ކޮންމެވެސް ވަރަކަށް ގެއްލުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދަވާފައި ނުވުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވަކިން ހާއްސަކޮށް މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ސަރުކާރުން ގާނޫނެއް ތަންފީޒުކުރަން ފަށާފައިވުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ގާނޫނަށް އިސްލާހުތަކެއް ގެންނަން ހުށަހެޅި ނަމަވެސް މަސްދަރުގެ ސިއްރު ނުހިފެހެއްޓިދާނެ ކަމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އެއާ އެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރިއެރުންތަކެއް ލިބުނެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި 120 ވަނައަށް ވެއްޓުމަށް ފަހު މި ސަރުކާރު އައި ފަހުން 72 ވަނަ އަށް ރާއްޖެ ކުރިއަށް ޖެހުނެވެ.