English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި، ބޭންކު އެކައުންޓުތަކުން ފައިސާ ދައުރުވާ ގޮތް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ބިދޭސީއަކު ވިޔަފާރިކުރާ ކަމުގެ ރިޕޯޓު ލިބިގެން ގޮސް ބަލާއިރު އެ ވިޔަފާރިއެއްގެ އަސްލު ވެރިފަރާތުގައި ގޮތުގައި އޮންނަނީ ދިވެއްސެއް ކަމަށެވެ. ފައިސާގެ މުއާމަލާތްތައް ހިނގަނީ ބިދޭސީއެއްގެ އެކައުންޓަށްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޭންކުތަކާއި، މީރާ އަދި އެމްއެމްއޭއާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ވިޔަފާރީގެ ވެރިފަރާތަކީ ދިވެއްސަކަށް ވިޔަސް، އެއީ ގަވާއިދާ އެއްގޮތަށް ހިންގާ ވިޔަފާރިއެއްތޯ ކަށަވަރު ކުރަން އިތުރު މަސައްކަތްތައް ވެސް ކުރާ ކަމަށެވެ. ސީދާ މި މައްސަލައަށް އަމާޒުކޮށް ގައުމީ ޓާސްފޯހެއް އެކުލަވާލައިގެން އިކޮނޮމިކް މިނިސްޓްރީ އިސްވެ މިދިޔަ ނޮވެމްބަރުގައި އޮޕަރޭޝަނެއް ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެ އޮޕަރޭޝަންގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން

  • 409 ޝަކުވާ ލިބުނު
  • 242 ތަނެއް ބަލައިފާސްކުރި
  • 102 ތަނެއް ވަގުތީ ގޮތުން ބަންދުކުރި؛ އެއީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރި ކަމަށް ފާހަގަކުރެވުނު 57 ވިޔަފާރިއަކާއި ސެލޫން އެންޑް ސްޕާގެ ކެޓަގަރީގައި ހިމެނޭ 45 ތަނެއް
  • ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދިން