English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

2026 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ރައްޔިތުން އިންތިޒާރުކުރަމުން ދަނީ އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތެށެވެ. ވަރަށް ފޮނި އުއްމީދުތަކާއެކު އިންތިހާބުކުރި ކައުންސިލަރުން މަގާމުގެ ޒިންމާ އާއި ހަވާލުވާނެ ވަގުތަކަށެވެ. މެއި 17 ވަނަ ދުވަހު އާ މެންބަރުން މަގާމުގެ ހުވާކުރުމަށް ތައްޔާރުވަމުންދާއިރު، މިއީ ރަށްރަށުގެ ތަރައްގީއަށް އާ ބާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރައްޔިތުންގެ އުންމީދުތައް

އަލަށް އިންތިހާބުވި ކައުންސިލްތަކާމެދު ރައްޔިތުންގެ ބޮޑު އުންމީދެއް އޮތްކަން ފާހަގަކުރެވެއެވެ. ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި ތައުލީމީ ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަށް ރަށު ފެންވަރުގައި، އަވަސް ހައްލެއް ލިބިގެންދާން ރައްޔިތުން ބޭނުންވެއެވެ. ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމާ، ކުނި މެނޭޖުކުރުމާ، މުނިސިޕަލް ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާވެގެން ދިއުމަކީ ރައްޔިތުންގެ އުއްމީދެވެ.

ކައުންސިލްތަކަކީ މައި ސަރުކާރާއި ރައްޔިތުންނާ ގުޅުވާދޭ ފާލަންކަމުގައިވާއިރު، ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމަކީ ރައްޔިތުންގެ އުއްމީދެވެ. މަގު ހެދުމާ، ފެނާ ނަރުދަމާގެ މަސައްކަތުގެ އިތުރުން މިހާރު ފެށިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް އަވަސްވުމަކީ ރައްޔިތުން އެދޭ ގޮތެވެ. އިޖްތިމާއީ ދުޅަހެޔޮކަމުގެ އެކި ހަރަކާތްތައް އިތުރެ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރެވިގެންދާތަން ބަލަން ރައްޔިތުން ބޭނުންވެއެވެ. އަލަށް އިންތިހާބުވި ކައުންސިލަކީ ރަށުގެ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާނެ ބަޔަކަށްވުމަކީ އެންމެ ބޮޑު އެއް އުއްމީދެވެ،

ހުވާކުރުމުގެ ތައްޔާރީތައް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މައުލޫމާތުދޭ ގޮތުގައި، މެއި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ހުރިހާ ރަށެއްގައިވެސް ވަނީ ފަށާފައެވެ. މި ރަސްމިއްޔާތަކީ ގާނޫނީގޮތުން އާ ދައުރެއް ފެށިގެންދާނެ މުހިންމު މަރުހަލާއެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިވެންޓެއްގެ ތެރެއިން / ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ގޮންޖެހުންތައް

އަލަށް އިންތިހާބުވި ކައުންސިލާ މެދު ރައްޔިތުންގެ އުންމީދުތައް ބޮޑުވި ނަމަވެސް، އާ ކައުންސިލްތަކަށް ހުރި ބައެއް ގޮންޖެހުންތަށް ވަރަށް ގިނައެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ބްލޮކް ގްރާންޓް (ދައުލަތުގެ ބަޖެޓުން ދޭ ފައިސާ) ލިބުނު ނަމަވެސް، ރަށުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެވަރުން ފުދޭކަށް ނެތެވެ. ރަށު ފެންވަރުގައި އާމްދަނީ ހޯދޭނެ ވަސީލަތްތައް މަދުވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ މާލީ މިނިވަންކަން ފުރިހަމައަށް ނުލިބުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ގިނަ ކައުންސިލްތަކުގައި ފަންނީ މަސައްކަތްތައް (އިންޖިނިއަރިންގ، ޕްލޭނިންގ، އަދި ލީގަލް ސަޕޯޓް) ކުރުމަށް ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މުވައްޒަފުން މަދެވެ. މީގެ އިތުރުން، ސިވިލް ސާވިސްގެ ގަވާއިދުތަކާއި ކައުންސިލްގެ ނިންމުންތަކާ ދެމެދު ހުންނަ ފުށުއެރުންތަކުގެ ސަބަބުން އިދާރީ ހިންގުމަށް ދަތިތައް ކުރިމަތިވެއެވެ.

ފޭދޫ ބިމެއް ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ ސްކީމް

ގާނޫނުގައި ކައުންސިލްތަކަށް ބާރުތަކެއް ދީފައި އޮތް ނަމަވެސް، އަމަލީ ގޮތުން ގިނަ ކަންކަމުގައި އަދިވެސް ޖެހެނީ މައި ސަރުކާރުގެ މިނިސްޓްރީތަކުގެ ހުއްދައަށް އިންތިޒާރު ކުރާށެވެ. މިސާލަކަށް ބިން ބޭނުންކުރުމާއި، އިގްތިސާދީ މަސައްކަތްތައް ފެށުމުގައި މަރުކަޒީ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ލަސްވުމަކީ މަސައްކަތްތައް ހުއްޓުމަކަށް އަންނަ ސަބަބެކެވެ.

ގިނަ ރަށްރަށުގައި ބިމުގެ ދަތިކަން އިންތިހާއަށް އޮތްއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި އޮތުމަކީ ރައްޔިތުންގެ ޝަކުވާ ބޮޑު ކަމެކެވެ. ބިން ހިއްކުމާއި، ޕްލޭންތައް ފާސްކުރުމުގައި ހުރި ދަތިތަކަކީ އާ ކައުންސިލްތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަމެކެވެ.

އާ ކައުންސިލްތަކުގެ ހުވާކުރުމަކީ ހަމައެކަނި ރަސްމިއްޔާތެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ފެށުމެވެ. މެއި 17 އަށް މުޅި ގައުމު އިންތިޒާރު ކުރަމުންދާއިރު، އުންމީދަކީ މި ފެށޭ އާ ދައުރަކީ ރަށްރަށަށް އާރޯކަމާއި ތަރައްގީ ގެނެސްދޭނެ ދައުރަކަށް ވުމެވެ.