ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ދުވުމުގައި ބައިވެރިވެ ، ވަނަ ލިބޭ ފަރާތްތަކަށް ރަގަޅު އިނާމްތަކެއް އެމްއެންޑީއެފުން ވަނީ ހުށަހަޅުއްވާފައެވެ.
ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.
މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެގެން 1 ވަނަ ހާސިލްކުރާ އަންހެން އަދި ފިރިހެން ކޮންމެ ފަރާތަކަށް 1000 ރުފިޔާ، 2 ވަނަ އަށް 800 ރުފިޔާ އަދި 3 ވަނަ އަށް 600 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
10 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެގެން 1 ވަނަ ހާސިލްކުރާ އަންހެން އަދި ފިރިހެން ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އިނާމްގެ އިތުރުން ލަންކާ -އައްޑޫ 2 ކޮޅު ޓިކެޓް، 2 ވަނައަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 1000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން މައުލޫމާތު ދެއެވެ.
5 ކިލޯމީޓަރު ޓީމް އިވެންޓްގައި ބައިވެރިވާ ޓީމްތަކުން 1 ވަނަ އަށް ހޮވޭ ޓީމަށް 3000 ރުފިޔާ، 2 ވަނަ އަށް 2000 ރުފިޔާ އަދި 3 ވަނަ އަށް 1000ރުފިޔާ ވަނީ ހުށަހަޅާފައެވެ.
“126 ރަން” ނަމުގައި، އެމްއެންޑީއެފް ސަދަން އޭރިއާއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި ދުވުން އޮންނާނީ މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެ 16:00 ގައެވެ. ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ ދުވުމުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ އެމްއެންޑީއެފުން ހުޅުވާލާފައެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 09 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސ.ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުއްވުމަށް ފަހު، ހުށަހެޅުއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައެވެ.