މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ދިވެހިންގެ ލަގެޖްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ޓެގެއް ބޭނުންކުރުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ހައްޖު މިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ޓެގަކީ ހައްޖުވެރިޔާގެ ޕާސްޕޯޓާ ސީދާ ލިންކު ކުރެވޭނެ އެއްޗެކެވެ. މީގެ ސަބަބުން ލަގެޖު ސްކޭންކޮށްލުމާއެކު އެއީ ކޮން ހާޖީއެއްގެ އެއްޗެއްކަމާއި، އެ މީހަކު ހުންނަނީ ކޮން ހޮޓަލެއްގެ ކޮން ކޮޓަރިއެއްގައިކަން ވަގުތުން ދެނެގަނެވޭނެއެވެ.
ލަގެޖު އުފުލުމުގެ ކަންކަން ކުރިއަށްދާނީ ސައުދީ ޕޯސްޓްގެ ދަށުން ހިންގާ “ސުބުލް” އޮތޯރިޓީ މެދުވެރިކޮށެވެ. އެއާޕޯޓުން ފެށިގެން ހޮޓަލާ ހަމައަށް ލަގެޖު އުފުލައިދިނުމުގެ ހިދުމަތް ދޭނީ ސީދާ މި އެޖެންޓު މެދުވެރިކޮށެވެ. މީގެ ކުރީ އަހަރުތަކުގައި ލަގެޖު އުފުލުމުގައި ހޭދަވާ ގިނަ ވަގުތުތަކެއް މި އައު ޓެކްނޮލޮޖީގެ ސަބަބުން ސަލާމަތް ކުރެވޭނެއެވެ.
މި ބަދަލަކީ ހައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހައްޖު މިޝަނުން ފާހަގަކުރެއެވެ. ހާއްސަކޮށް ލަގެޖު ގެއްލުމުގެ ހާދިސާތައް މަދުކޮށް، ހާޖީން ހޮޓަލަށް ވަންނައިރު އެމީހުންގެ ތަކެތި ހޮޓަލަށް ފޯރުކޮށްދިނުމަކީ މި ނިޒާމުގެ މައިގަނޑު އަމާޒެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގެ ދަށުން މީހުން ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ބަލަހައްޓަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މެއި 15 އިން 19 އާ ދެމެދުގައެވެ.