English Edition
Dhivehi Edition
ހުކުރު ހުތުބާ

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު އެކަމަށް ކުރާ ހަރަދަކީ ހަލާލު މުދަލުން ކުރާ ހަރަދަކަށް ހެދުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. الله ގެ ހަޒުރަތުގައި މަގުބޫލު ހައްޖަކަށް އެ އަޅުކަން ހެދުމަށްޓަކައި، ހަރާމް ތަކެއްޗާއި މުދަލުން ދުރުހެލިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިހުލާސްތެރި ތައުބާއަކުން ތައުބާވުމަކީ ޝަރުތެއް ކަމަށެވެ. މީގެ އިތުރުން، ދަރަންޏާއި މުދަލުގެ މައުލޫމާތުތައް ލިޔެ ބެލެހެއްޓުމާއި، ދެއްކުންތެރިކަމުން ދުރުހެލިވެ ހަމައެކަނި الله އަށްޓަކައި އެ އަޅުކަން އަދާކުރުމުގެ މުހިންމުކަން ހުތުބާގައި ބަޔާންކުރިއެވެ. ހައްޖާއި އުމްރާގެ ހުކުމްތައް ރަނގަޅަށް އުނގެނި ދަސްކުރުމަކީވެސް އަޅުކަން ފުރިހަމަވުމަށް ބޭނުންވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހައްޖުވުމަށް ކުޅަދާނަކަން ލިބުމާއެކު އެކަން ލަސްނުކޮށް އަދާކުރުމަކީ ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުތުބާ ނިންމާލީ ހައްޖަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވުމަކީ ހައްޖު މަގުބޫލުވުމުގެ އަލާމާތެއް ކަމުގައި ބުނަމުންނެވެ. ހާއްސަކޮށް ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތް ބިމުގައި މަޑުކުރުން ފުރިހަމަ ނުކޮށްފިނަމަ ހައްޖު ނުލިބޭނެކަންވެސް ހުތުބާގައި ވަނީ ހާމަކޮށްފައެވެ.