English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މި ހިނގާ މޭ މަހުގެ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ކުރެއްވި މި ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްދިޔަ ރަސްމީ ބައްދަލުވުންތަކާއި، ރަސްމިއްޔާތުތަކުގެ އިތުރުން، މުޖުތަމައާ ގުޅުންހުރި އެކި ދާއިރާތަކުގެ ހަރަކާތްތައް ހިމެނޭހެން ކުރިއަށް ގެންދެވުނު މުހިންމު ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ އާ ދާއިރާތައް ދެނެގަތުމުގެ މައްޗަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރެއްވުމަށް އެކުލަވައިލެއްވި ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޒުވާނުން ތަރައްގީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ހިމެނެއެވެ. އެއަށްފަހު ދެ ރައީސުން ގުޅިފައިވާ ބަޔާނެއް ވަނީ ދެއްވާފައެވެ.

މި ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެނެވިއެވެ.

ރަސްމީ މަޝްވަރާތަކުގެ އިތުރުން، މިދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ ބައެއް އިސްވެރިން ރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ އަދި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، އެމަނިކުފާނު ވަނީ “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ޝަރަފުވެރިކޮށްދެއްވައި، ތަގުރީރެއް ކުރައްވާފައެވެ. މި ތަގުރީރުގައި އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިންވެސްޓްމަންޓްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މިފްކޯގެ އަގުއެއްކުރި މަހުގެ އުފެއްދުންތައް ސަރަޙައްދީ ބާޒާރުތަކަށް ފުޅާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ހިމެނިގެން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ކަށީގެ ޚިދުމަތްތަކާ، އަދި ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވިއެވެ. އަދި އެކަމަނާ ވަނީ އެ ޤައުމުގެ އަންހެން ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާ އުފެއްދުންތައް ދައްކާލާ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރައްވާ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ވަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.