English Edition
Dhivehi Edition

ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އެބޭފުޅުން ދޫކޮށްލާފައިނުވާތީ، ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައި ތިބީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެބޭފުޅުންގެ ގާނޫނީ ވަކީލުން ހުށަހެޅުއްވި ހޭބިއަސް ކޯޕަސްގެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިރޭ ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މުހައްމަދު އިބްރާހިމް މިރޭ ނިންމި ނިންމުމުގައި ވަނީ އެބޭފުޅުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ހުކުމަށް އިސްތިއުނާފީ މަރުހަލާގެ އެންމެ މަތީ ކޯޓުން ވަނީ ނިންމުމެއް ނިންމާފައި ކަމަށެވެ.

ހޭބިއަސް ކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގަތުމަކީ ކޯޓުތަކުގެ ގާނޫނުން ކަނޑައަޅައި ތަންޒީމްކޮށްފައިވާ ރާއްޖޭގެ ކޯޓުތައް ބެހިގެންވާގޮތާއި ތަރުތީބާއި އެއްގޮތްވެގެންވާ ކަމެއް ކަމަށް ނުވާ ކަމަށް އެ ނިންމުމުގައިވެއެވެ

ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިގެންވާ ދިވެހި ދައުލަތުގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ނިންމާފައިވާ ނިންމުމަކަށްވީހިނދު، އެ ނިންމުމުގައި ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ގުޅިގެން ބަހުސްކުރުމަށް ފުރުސަތު ހުޅުވައިދިނުމަކީ ފުރަތަމަ މަރުހަލާގެ ކޯޓަކުން ކުރުން ސައްހަ ވެގެންވާ ކަމެއް ނޫން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ

އެ މައްސަލަ ބަލައިގަނެ ކުރިއަށްގެންދިއުމަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުވެދިއުން ލަސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

ހޭބިއަސްކޯޕަސްގެ މައްސަލައަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ބަންދުގައިވާ މީހާ ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލައެކެވެ..

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޙުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި، ކާނަލް ނާޒިމާއި، ފާރިސް މައުމޫނާއި، ޝައިހް އިމްރާނާއި، އަހްމަދު އަދީބާއި، ކުރީގެ ޕީޖީ މުހުތާޒާއި، މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް ނިހާނާއި ހާމިދު ސޭޓް ވަގުތުން ދޫކޮށްލުމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެ 9 ބޭފުޅުން ތިއްބެވީ ރަހީނުކޮށްފައި ކަމަށެވެ.