English Edition
Dhivehi Edition
ށ.މިލަންދޫ ބިންހިއްކުން

ށ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ށ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 12 ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫއުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސްގެ މެސެޖްގައިވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134،534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި “ކުއިން އޮފް ދަ ނެދަލޭންޑްސް” ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ އެޕްރީލް 3 2026 ވަނަ ދުވަހުއެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.