English Edition
Dhivehi Edition

އެފްއީއޭ އެކަޑަމީ މޯލްޑިވްސްއިން އިންތިޒާމުކުރި “އޭސީއީ އެފްއީއޭ ސިމްޕޯޒިއަމް” 27 އެޕްރީލް 2026 ގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ދުނިޔޭގެ ފިޓްނަސް ތަޢުލީމު ފޯރުކޮށްދޭ އެންމެ މަގުބޫލު އެއް މުއައްސަސާ ކަމަށްވާ އެމެރިކަން ކައުންސިލް އޮން އެކްސަސައިޒް އޭސީއީ އާއިއެކު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ހަރަކާތެވެ. މީގެ ސަބަބުން ރާއްޖޭގެ ފިޓްނަސް ދާއިރާގެ މާހިރުންނަށް ފަސޭހަކަމާއި އެކު ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގެ ތަޢުލީމު ލިބޭނެ ގޮތް ފަހިވެގެން ދިޔައެވެ.

ނިމިގެން ދިޔަ މި ސިމްޕޯޒިއަމްގައި ހަތަރު ޚާއްޞަ ސެޝަނެއް ކުރިއަށް ގެންދެވުނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ ފިޓްނަސް “ޔޫތް ފިޓްނަސް އާއި އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ބޭނުންވާ ފިޓްނަސް “އެކްޓިވް އޭޖިންގ ހިމެނެއެވެ.

ރާއްޖޭގައި ސިއްހީ އަދި ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅުންހުރި ބަލިތަކަށް ހޭލުންތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި މައުޟޫޢުތަކަކީ ދާއިރާގެ މާހިރުންނަށް ނުހަނު ބޭނުންތެރި، ސެޝަންތަކެކެވެ.

މި ސެޝަންތައް ނަގައިދެއްވީ އޭސީއީގެ ގްލޯބަލް ވެލްނަސް ތަރުޖަމާނެކެވެ. މި ސެޝަން ތަކުން ބައިވެރިންނަށް އަގުހުރި މަޢުލޫމާތުތަކެއް ލިބުމުގެ އިތުރުން، “ކޮންޓިނިއުއިންގ އެޑިއުކޭޝަން ކްރެޑިޓްސް” ސީއީސީއެސް ވެސް ވަނީ ލިބިފައެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފިޓްނަސް ދާއިރާގެ ސަނަދުތައް އާކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ބައެކެވެ.

މި ކާމިޔާބީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެފްއީއޭ އެކަޑަމީ މޯލްޑިވްސްގެ ޕާޓްނަރ އަދި ޑިރެކްޓަރ ރިޔާޝް ރިޔާޒް ވިދާޅުވީ މިއީ ރާއްޖޭގެ ފިޓްނަސް ސިނާޢަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭސީއީ ފަދަ ބައިނަލްއަގުވާމީ ބްރޭންޑެއް ރާއްޖޭގައި ހޯސްޓްކުރުމަކީ ވަރަށް މާނަހުރި ކަމެއް ކަމަށާއި އޭސީއީ އަކީ ދުނިޔޭގެ ފިޓްނަސް މާހިރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮތް މުއައްސަސާއެއްކަމަށެވެ.

“އޭސީއީ ފަދަ ބައިނަލްއަގުވާމީ ބްރޭންޑެއްގެ ތަޢުލީމު ރާއްޖޭގެ ޓްރެއިނަރުންނަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. އެފްއީއޭ އެކަޑަމީ މޯލްޑިވްސްގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ފިޓްނަސް ތަޢުލީމު، އަތްފޯރާ އަގުތަކެއްގައި ދިވެހިންނަށް ފޯރުކޮށްދިނުން. އަދި އަމަލީ ހުނަރުތަކަށް އިސްކަންދީގެން އުނގަންނައިދިނުން. އޭސީއީ އާއި އެފަރާތުގެ ބައިނަލްއަގުވާމީ ނެޓްވޯކާ ގުޅިގެން، ޓްރެއިނަރުންނަށް އާ މަޢުލޫމާތުތައް ދަސްކޮށްދީ، ދާއިރާގެ ފެންވަރު މަތިކުރުމަށްޓަކައި ކޯސްތަކާއި، ވެބިނާތަކާއި، ސިމްޕޯޒިއަމްތައް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.” ރިޔާޝް ވިދާޅުވިއެވެ.

އޭސީއީ އެފްއީއޭ ސިމްޕޯޒިއަމް ކާމިޔާބުކަމާއެކު ނިންމާލުމަކީ ރާއްޖޭގެ ފިޓްނަސް ތަޢުލީމުގައި އާ މިންގަނޑެއް ގާއިމުވެގެންދިޔަ ކަމެކެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރާއި ރާއްޖޭގެ ފުރުސަތުތަކާ ދެމެދު އޮތް ހުސްކަން ފޫބެއްދުމަށް އެފްއީއޭ އެކަޑަމީ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

ފެންވަރުހުރި ފިޓްނަސް މާހިރުންނަށް އޮތް ބޭނުންތެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހަރަކާތްތަކުން ދޭހަކޮށްދެނީ މި ސިނާޢަތުގެ އުޖާލާ މުސްތަގުބަލެވެ.

މިފަދަ ގިނަ ކޯސްތައް އަދިވެސް ކުރިއަށް ގެންދިއުމަށް ރާވަމުން އަންނައިރު ، ކުރިއަށް ހުރި ކޯސްތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު އެފްއީއޭ އެކަޑަމީ މޯލްޑިވްސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ރިޔާޝް ވިދާޅުވިއެވެ.