English Edition
Dhivehi Edition
ލެގަސީގައި އަންހެން ކުދިންތަކެއް ކްސްރަތު ކުރަނީ: ފޮޓޯ އޭއޯ ނިއުސް

އެފްއީއޭ އެކެޑަމީ އާއި ލެގަސީ ގުޅިގެން ފިޓްނަސް ދާއިރާގެ ތިން ކޯހެއް ސެޕްޓެމްބަރު މަހު ހުޅުވާލައިފިއެވެ. މި ކޯސްތަކަކީ ފިޓްނަސް ޕްރޮފެޝަނަލުންނަށާއި މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ކޯސްތަކެކެވެ.

މި ގޮތުން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި “ބޫޓީލިޝަސް – 3ޑީ ގްލޫޓްސް” ބިނާކުރުމުގެ ކޯހާއި، ކާމިޔާބު އަދި ދެމެހެއްޓެނިވި ބަރުދަންލުއި ނުވަތަ ފެޓްލޮސް ޕްރޮގްރާމް އެކުލަވާލުމުގެ ކޯހާއި، ފައުންޑޭޝަން ކޯސް ހިމެނެއެވެ. “ބޫޓީލިޝަސް” ކޯހުގެ އަގަކީ 1،880 ރުފިޔާ ކަމަށްވާއިރު، މި ކޯސް އޮންނާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ބަރުދަންލުއި ނުވަތަ ފެޓްލޮސް ޕްރޮގްރާމް އެކުލަވާލުމުގެ ކޯހަކީ 90 މިނެޓުގެ ކޯހެއް ކަމަށްވާއިރު، މި ކޯހުގެ އަގަކީ 880 ރުފިޔާއެވެ. މި ކޯސް އޮންނާނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. މި ކޯހުގައި އެމީހެއްގެ ހަށިގަނޑު ހިއްކުމުގެ ކާމިޔާބީއަށް މުހިންމު ކަންތައްތައް ދަސްކޮށްދީ، ޕާސަނަލް ޓްރެއިނަރުންނަށް ކްލައިންޓުންގެ ހުރަސްތައް ފަހަނައަޅާ ދެމެހެއްޓެނިވި ނަތީޖާ ހޯދުމަށް އެހީތެރިވެދޭނެ އަމަލީ ގޮތްތަކެއް ހުށަހަޅައިދޭނެއެވެ.

ފައުންޑޭޝަން ކޯހަކީ އެންމެ އަސާސީ ފެންވަރުގެ ކޯހެއް ކަމަށްވާއިރު، މި ކޯހުގެ އަގަކީ 1،500 ރުފިޔާއެވެ. މި ކޯސް އޮންނާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ހެނދުނު 8:30 ގައެވެ. މި ކޯހުން ރެސިސްޓަންސް ޓްރެއިނިންގ ރައްކާތެރިކަމާއެކު އަދި އެކަށީގެންވާ ގޮތެއްގައި ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ހުނަރުތައް ދަސްކޮށްދޭނެއެވެ.

އެފްއީއޭގެ ރާއްޖޭގެ ގޮފީގެ އިސްވެރިޔާ ރިޔާޝް ވިދާޅުވި ގޮތުގައި “މިއީ މި ދާއިރާއިން ކުރިއަރަން ބޭނުންވާ އެތައް ބަޔަކަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ” ކަމަށެވެ. އެފްއީއޭގެ ބާނީ ޖެރިކަން ބައިވެރިވާ މި ވޯކްޝޮޕްތަކަކީ ވަރަށް އަގުހުރި ކޯސްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 9981300 ނަންބަރާ ގުޅައިގެން ރަޖިސްޓަރ ކުރެވޭނެއެވެ.