English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ކަމުގެ ހައްސާސްކަމަށް ރިއާޔަތްކުރައްވައި، ސަރުކާރު ބަޖެޓުން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ގާއިމުކުރެވިފައިނުވާ މައްސަލައެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މި މައްސަލައަށް ހައްލު ހޯއްދެވުމަށް ސަރުކާރުން އެޅުއްވުމަށް ގަސްދުކުރައްވާފައިވާ ބައެއް ފިޔަވަޅުތައް ހާމަކުރައްވާފައެވެ.

އެގޮތުން، ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްގީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާއަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮސްޕިޓާ ގާއިމުކުރެވެންދެން، މިހާރުން މިހާރަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި، ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި މި ފަދަ ކަންކަމަށް ފަރުވާދިނުމުގެ ގާބިލިއްޔަތު އިތުކުރެއްވުމަށް މަސައްކަތްކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޓި ބުލީއިންގ ގާނޫނެއް އެކުލަވާލުމަށާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައި، ކަމާ ގުޅުންހުރި މަސައްކަތްތައް ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.