ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3.3 ބިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ހަލާސްކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ފައިސާ ދައްކާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން، މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސަރުކާރުގެ ވެންޑަރުންނަށް ދައްކަން ހުރި ފައިސާތައް ދެއްކުމަށް ސަރުކާރުން އިސްކަން ދީގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ރައީސް ވިދާޅުވީ، މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލުތަކަށް ފައިސާ ދެއްކުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ވެންޑަރުންނަށް ދޭން ޖެހޭ ފައިސާ އަވަސްކޮށް، އިގްތިސާދީ ދައުރު ހަލުވި ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅެކެވެ.
ބޭރުގެ ދަރަނިތަކުގެ އިތުރުން އެތެރޭގެ ދަރަނިތައް ވެސް އަދާކުރަމުން ދަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމުގެ މަގްސަދުގައެވެ. ސަރުކާރުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ ގޮތް ކަށަވަރު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.