ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕީއެންސީން އިއުލާންކޮށްފިއެވެ.
މި އިންތިހާބުގައި މުހައްމަދު ސިނާން އަށް 226 ވޯޓު ލިބުނު އިރު އަހްމަދު ސައީދު އަށް ލިބުނީ 187 ވޯޓެވެ. އަދި ބާތުލު 9 ވޯޓު އޮތް އިރު އިންތިހާބުގައި ޖުމްލަ 422 މީހަކު ވަނީ ވޯޓުލާފައެވެ. ޕީއެންސީގެ ދަފްތަރުގައިވާ ގޮތުން މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 727 މެންބަރުންނަށެވެ.
އިއްޔެ ބޭއްވި އިންތިހާބު އެ ދާއިރާގެ ކުރީގެ މެންބަރު ސިނާނު ކާމިޔާބު ކުރިއިރު، ބައި އިލެކްޝަންގައި ސިނާނު ވާދަކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު އާއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކުމުގެ މައްސަލައިގައެވެ. މި މައްސަލައިގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.