English Edition
Dhivehi Edition

ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް މެޗު ކާމިޔާބުކޮށްދިން ޕެނަލްޓީ ޖެހި ވަގުތު އޭނާގެ ހެމްސްޓްރިންގަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ވޯލްޑް ކަޕުގައި އޭނާއަށް ކުޅެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުންދާ ޔަމާލް މި އަހަރުގެ ހޫނު މޫސުމުގައި އޮންނަ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ބެލެވުނު ނަމަވެސް، އަނިޔާގެ ސަބަބުން އޭނާގެ ކްލަބް ސީޒަން މިހާރު ނިމިފައިވާ ކަމަށް ބާސެލޯނާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުމުރުން 18 އަހަރުގެ ޔަމާލް ދަނޑުން ބޭލީ ބުދަ ދުވަހު ލަލީގާގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރުމަށްފަހު، އަނިޔާވެގެންނެވެ. މިއާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާއަށް ބައިވެރިވެވޭނެތޯ ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ބާސެލޯނާގެ މެޑިކަލް ޓީމުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ޓެސްޓުތަކުން ދައްކާގޮތުން ޔަމާލަށް ލިބިފައިވަނީ ހެމްސްޓްރިންގް އަނިޔާއެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ޓެސްޓުތަކުން ކަށަވަރުވެފައިވާ ގޮތުގައި ޔަމާލްގެ ވާތު ފައިގެ ހެމްސްޓްރިންގް މަސްގަނޑަށް (ބައިސެޕްސް ފެމޮރިސް) ވަނީ އަނިޔާވެފައެވެ.”

“ޔަމާލަށް ފަރުވާ ދިނުމުގައި ކުރިއަށްދާނީ ކޮންޒަވޭޓިވް ޓްރީޓްމަންޓް ޕްލޭނެކެވެ. އޭނާއަށް މި ސީޒަނުގެ ބާކީ ހުރި މެޗުތައް ގެއްލޭނެ ނަމަވެސް، ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް އުންމީދު ކުރެވެއެވެ.” ބާސެލޯނާގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ވޯލްޑް ކަޕުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު އެޓްލާންޓާގައި ބައްދަލުކުރާނީ ކޭޕް ވާޑޭއާއެވެ. މިއީ ޔަމާލް ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ސްޕެއިންގެ ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ރެއާލް މެޑްރިޑަށްވުރެ ނުވަ ޕޮއިންޓް ކުރީގައެވެ. އަދި މެއި 10 ވަނަ ދުވަހު ކޭމްޕް ނޫގައި މި ދެ ޓީމު ބައްދަލުކުރާ ‘އެލްކްލެސިކޯ’ މެޗު އޮންނާނެއެވެ.

ލަލީގާގައި މިހާރު ބާކީ އޮތީ ހަ މެޗެވެ. ހުކުރު ދުވަހު ރެއާލް މެޑްރިޑުން ރެއާލް ބެޓިސްއާ ދެކޮޅަށް ނުކުންނައިރު، ހޮނިހިރު ދުވަހު ބާސެލޯނާ ކުޅޭނީ ގެޓާފޭއާއެވެ.