English Edition
Dhivehi Edition
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރުކުރުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

މިއަދު ބީއެމްއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ބޯޑުން މިހާރު ލޯނާއި ފައިނޭންސިން ފެސިލިޓީސް ދޫކުރާ އުސޫލުތަކަށް ބަދަލު ގެނެސް، އުމުރުގެ ހުރަސްތައް ކުޑަކޮށްފައިވާ ކަމަށެވެ.

މީގެކުރިން ބީއެމްއެލްގެ އުސޫލު އޮތްގޮތުން ލޯނު ދޫކުރެވެނީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދައްކާ ނިންމޭ ގޮތަށެވެ. ނަމަވެސް، ބީއެމްއެލް އިން މި ގެނައި ބަދަލާއެކު، މިހާރު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މީގެ ކުރިން 55 އަހަރުގެ މީހަކަށް ލޯނެއް ދެވެނީ އެންމެ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށް ކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވި ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، އުމުރު 75 އަހަރަށް ބަދަލުކުރުމުން، މެދުއުމުރުގެ ބޭފުޅުންނަށް ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.