English Edition
Dhivehi Edition
ރައީސް، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ބައްލަވާލެއްވުން ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ، އެންމެ ގާބިލު ލަޝްކަރަކީ ދިވެހި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ދިވެހި ސިފައިންގެ 134 އަހަރުގެ ފަހުރުވެރި މާޒީގައި ރަންއަކުރުން ނަން ފަވާލެވިފައިވަނީ ގައުމަށްޓަކައި ޝަހީދުވި ބޭފުޅުންނާއި، މުޖާހިދުންނާއި، އަދި ނުރައްކާތެރި ދަނޑިވަޅުތަކުގައި ދިވެހި ރައްޔިތުންގެ ހިމާޔަތުގައި ސާބިތުކަމާއެކު ތިއްބެވި ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަންފުޅުތައް ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ސިފައިން ގައުމަށްޓަކައި ވަމުންދާ މަތިވެރި ގުރުބާނީއާއި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވަމުން، ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ރައްދުކުރައްވާފައެވެ.