English Edition
Dhivehi Edition

ޖަރުމަނުގެ “ހިޕް” ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުމާ ގުޅިގެން އެ ބްރޭންޑުގެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

“ހިޕް” އިން މިހާރު އަންނަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ، ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަމުންނެވެ. އަދި މި މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުން އަންނަ އިރު އެމްއެފްޑީއޭ އިން ބުނީ މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް ފުލުހުން ވަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފަ އެވެ.