އެގާރަ އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ.

މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، އެޕްރީލް 15 ވަނަ ދުވަހު މުހައްމަދު އަނިލްގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.