ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މުތީގެއާގެ / މާލެ، އަލްޔާ ޝަރްސާ ނަސޫރު (25އ) އާއި ބިޖިލީއުފާ / ކ. ތުލުސްދޫ، އާމިނަތު ރޫނާ (29އ) ކަމަށެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އަލްޔާ ޝަރްސާ ނަސީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.