ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފޯރިގަދަ ކުރިމަތިލުމަކަށްފަހު، ރެއާލް މެޑްރިޑް ބަލިކޮށް ބަޔާން މިއުނިކުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއުނިކްގައި ކުޅުނު މި މެޗުގެ ފަހު ވަގުތު ލުއިސް ޑިއާޒް އަދި މައިކަލް އޮލީސޭ ކާމިޔާބުކުރި ލަނޑުތަކާއެކު، 6-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބަޔާން ކުރިހޯދީ ބެލުންތެރިން ހައިރާންކޮށްލި ކުޅުމަކަށްފަހުއެވެ.
ޔޫއީއެފް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކުން ރެއާލްގެ މައްޗަށް 4-3 އިން ކުރިހޯދިއިރު، މިއީ ފުޓްބޯޅައިގެ ފޯރި އިންތިހާއަށް ފެނިގެންދިޔަ މެޗެކެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޑިއާޒް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއިރު، އިތުރު ވަގުތުގެ ތެރޭގައި އޮލީސޭ ކާމިޔާބުކުރި ލަނޑާއެކު ބަޔާން ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ސެމީގައި ބަޔާން ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީ.އެސް.ޖީ އާއެވެ.
ވަރަށް ވާދަވެރިކޮށް ފެށުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ތިން ފަހަރު ލީޑު ނެގިއެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަރްދާ ގުލާ ރެއާލަށް ލީޑު ހޯދައިދިނެވެ. އޭގެ ފަހުން އަލެކްސެންޑަރ ޕަވްލޮވިޗް ބޮލުން ޖެހި ލަނޑަކުން ބަޔާން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، 29 ވަނަ މިނެޓުގައި ގުލާ ވަނީ ހިތްގައިމު ހިލޭ ޖެހުމަކުން އަލުން ރެއާލަށް ކުރި ހޯދައިދީފައެވެ.
ސްޕެއިންގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކުރި ބަޔާނަށް، ހެރީ ކޭން ވަނީ މި ސީޒަނުގައި އޭނާ މުބާރާތުގައި ޖެހި 12 ވަނަ ލަނޑާއެކު ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ކީލިއަން އެމްބާޕޭ ލަނޑު ޖަހައި، 3-2 އިން ރެއާލް ކުރިއަށް ޖައްސާލިއެވެ.
މެޗުގެ ފަހުބައިގައި ކުޅުން ބަދަލުވެގެންދިޔައީ 86 ވަނަ މިނެޓުގައި ރެއާލްގެ އެޑުއާޑޯ ކަމަވިންގާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. ބަޔާންގެ ކުޅުންތެރިންގެ އެދުމުގެ މަތިން ރެފްރީ ސްލާވްކޯ ވިންޗިޗް މި ނިންމުން ނިންމުމުން ރެއާލްގެ ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. ބަޔާނުން ވަނީ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ފުރިހަމައަށް ހިފައި މެޗު ކާމިޔާބުކޮށްފައެވެ.
މެޗު ނިމުމަށްފަހުވެސް ދެޓީމުގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، ރެފްރީއާ ދިމާކުރުމުން އަރްދާ ގުލާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު އަލްވާރޯ އަރްބެލޯ ބުނީ، ކަމަވިންގާއަށް ދެއްކި ރަތް ކާޑާ މެދު މުޅި ޓީމު އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެފަދަ އާދައިގެ ކަމަކަށް އެ ފެންވަރުގެ މެޗެއްގައި ރަތް ކާޑު ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ބަޔާންގެ ތަރި ހެރީ ކޭން ބުނީ، ރެއާލް ފަދަ ވަރުގަދަ ޓީމެއް ބަލިކުރުމަކީ އާދަޔާ ހިލާފު އުފަލެއް ކަމަށެވެ. އަދި މި ސީޒަނުގައި އޭނާ 50 ލަނޑު ހަމަކުރުމަކީ މުޅި ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ފޯމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.