އައްޑޫ ލިންކް ރޯޑު މަރާމާތު ކުރަން ކައުންސިލުން މިލިއަނުން ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަގު އޮތީ މަރާމާތު ކުރެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށް އައްޑޫ ސިޓީ މޭޔާރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދޫކުރަމުންދިޔަ ނަމަވެސް، މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި މާލެ ސިޓީ ކައުންސިލާ، އައްޑޫ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ލިންކް ރޯޑު މިހާރު އޮތީ މަރާމާތުކޮށްގެން ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި، އެ މަގު އަލުން ހެދުމަކީ ސަރުކާރުން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ގަމުން ހިތަދުއާ ދެމެދު އޮންނަ އައްޑޫ ލިންކު ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައިވާތާ ދޮޅު އަހަރު ވާން ކައިރި ވެފައިވާއިރު އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށް ނުދާ ސަބަބު މިނިސްޓަރު ބައްލަވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނިންމަމުންދާ އިމާރާތްތަކަށް ކަރަންޓު ނުދެވި ވަނީ ފައިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ.