މި ސީޒަނުގެ ބޮޑު ދެ މުބާރާތަކުން ބާސެލޯނާ މިވަނީ އެއް ޓީމެއްގެ އަތުން ބަލިވެ ކަޓާފައެވެ. އެއީ އެތުލެޓިކޯ މެޑްރިޑެވެ. މި ސީޒަނުގެ ކުރީކޮޅު ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުން އެތުލެޓިކޯ އަތުން ބަލިވެ ކެޓިއިރު، ރޭ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް އެ ނަތީޖާއާ ކުރިމަތިލާން ޖެހިފައެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުން 0-2 އިން ބަލިވެފައި އޮތުމުން، ރޭގެ ދެވަނަ ލެގު ބާސެލޯނާ އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ ބައިގަޑިއިރު ތެރޭގައި ދެ ލަނޑު ޖަހައި، އަލުން މެޗުގެ ތެރެއަށް ވަދެވިދާނެ ކަމުގެ އުންމީދު ބާސެލޯނާ އިން ބޮޑުކުރިއެވެ. ނަމަވެސް، ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މެޗުގެ ނަތީޖާ ބަދަލުވެގެންދިޔަ ގޮތް އެނގި ތިބެ، އަލުން އެފަދަ ގޯހެއް ހެދުމަކީ ޓީމުގެ ފަރާތުން ފެނުނު ވަރަށް ބޮޑު އިހުމާލެކެވެ.
މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ބާސެލޯނާ އިން ވަރުގަދައަށް މަސައްކަތް ކުރަމުން ދަނިކޮށް، އެރިކް ގާސިއާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ބާސެލޯނާ އަލުން ދިހަ ކުޅުންތެރިންނަށް މަދުވިއެވެ. މެޗު އޮތް ހާލަތަށާއި، ނަތީޖާ އެއްވަރުކުރަން ޖެހިފައި އޮތް މިންވަރަށް ބަލާއިރު، އަދި ހަމަ މި ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އެފަދަ ތަޖުރިބާއެއް ކުރަންޖެހިފައި އޮތުމުން، ބާސެލޯނާ އިން މިފަދަ ހާލަތެއް ރޭގެ މެޗްގައިވެސް ތަކުރާރުވެގެން ދިއުމަކީ މެޗް ކާމިޔާބުކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
މެޗުގެ އޮއިވަރު ބާސެލޯނާ ކޮޅަށް އޮއްވައި އެތުލެޓިކޯ މެޑްރިޑުން ލަނޑެއް ޖަހައި ކުރިހޯދިއެވެ. އޭގެ ފަހުން އެ ނަތީޖާ ބަދަލުކޮށްލަން ބާސެލޯނާ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުނެވެ. ދެވަނަ ހާފުގައި ކޯޗު ހަންސީ ފްލިކް ގެނައި ބަދަލުތަކުގެ ސަބަބުން ކުޅުން އިތުރަށް އޮޅުންބޮޅުންވެ، ޓީމުގެ އެޓޭކްތަކުގެ ފެންވަރު ދަށްވިއެވެ.
މި މެޗުން ފާހަގަވި މުހިންމު ތިން ކަމަކީ:
# ރޭގެ ބައްޔަކީ ބާސެލޯނާ އިން އަމިއްލައަށް ހޯދި ބައްޔެކެވެ. ފުރަތަމަ ލެގުގައި ރަތް ކާޑެއްގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅަށް އެނގި ތިބެ، ދެވަނަ ލެގުގައި ވެސް އެފަދަ ހާލަތަކަށް ކަންކަން ދިޔުމަކީ ޓީމުގެ ފެންވަރާ ނުބައްދަލު ކަމެކެވެ. އެރިކް ގާސިއާ އަށް ރަތް ކާޑު ދެއްކި ވަގުތަކީ މެޗުގެ ނަތީޖާ އެއްވަރުކުރަން ބާސެލޯނާ އިން އެންމެ ބޮޑަށް ބާރުއަޅަމުން ދިޔަ ވަގުތެވެ. ދަނޑުމަތީގައި ކުޅުންތެރިން ހަމައަށް ތިބި ނަމަ މެޗުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު މާ ބޮޑުވީހެވެ.
# ބާސެލޯނާގެ އަމިއްލަ ގޯސްތައް ހުރި ނަމަވެސް، ދެ ލެގުގައި ވެސް ނަސީބު ހުރީ އެ ޓީމާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި ރެފްރީގެ ގިނަ ގޯސްތަކެއް ފާހަގަވިއެވެ. މާކް ޕުބިލް އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީއެއް ނުދިނުމާއި، ކޯކޭ އަށް ރަތް ކާޑެއް ދައްކަން ޖެހޭ ހާލަތުގައި އެކަން ނުކުރުން ހިމެނެއެވެ. ރޭގެ މެޗުގައި ވެސް ފުރަތަމަ ހާފުގައި ފާމިން ލޮޕޭޒް އަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ނުލިބުނެވެ. އަދި ޑެނީ އޮލްމޯ އަށް މާކޯސް ލޮރެންޓޭ ކުރި ފައުލް ވެސް ރެފްރީ ބަލައެއް ނުގަތެވެ. އެތުލެޓިކޯ އިން 15 ފައުލް ކުރިއިރު އެއްވެސް ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ވެސް ނުދައްކައެވެ. މީގެ އިތުރުން އެރިކް ގާސިއާ އަށް ދެއްކި ރަތް ކާޑަކީ ވެސް ބަހުސް ކުރެވިދާނެ ނިންމުމެކެވެ.
# ޗެމްޕިއަންސް ލީގުން ކެޓުމާއެކު، ބާސެލޯނާގެ މި ސީޒަނާމެދު މިވަނީ ސުވާލު އުފެދިފައެވެ. ޔޫރަޕްގެ މުބާރާތްތަކުން މިހާ އަވަހަށް ކެޓުމަކީ ޓީމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. މިހާރު ބާސެލޯނާ އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ލަލީގާ އެވެ. ލަލީގާ ތާވަލުގެ ކުރީގައި ބޮޑު ތަފާތަކާއެކު ބާސެލޯނާ އޮތުމުން، އެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން މި ސީޒަނަކީ މުޅިން ނާކާމިޔާބު ސީޒަނެކޭ ނުބުނެވޭނެއެވެ. ނަމަވެސް، ބާސެލޯނާ ފަދަ ވަރުގަދަ ޓީމަކަށް ޔޫރަޕްގައި މިވަރުގެ ނަތީޖާއެއް ލިބުމަކީ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.
މިހާރު ބާސެލޯނާގެ ހުރިހާ ސަމާލުކަމެއް ހުރީ ލަލީގާ އަށެވެ. ޔޫރަޕްގެ ތަށީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ދެން މަޑުކުރަން ޖެހޭނީ އަންނަ އަހަރަށެވެ.