ސަރުކާރުގެ ކެބިނެޓަށް މިއަދު އަންނަމުންދާ ބޮޑު ލޮޅުމުގެ ތެރެއިން، ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި ދެ ބޭފުޅުންގެ އިސްތިއުފާއާއެކު، މިއަދުގެ މިހާތަނަށް ކެބިނެޓުން ވަކިވި ވަޒީރުންގެ ޖުމްލަ އަދަދު މިވަނީ ހަތަކަށް އަރާފައެވެ. މީގެ ކުރިން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ފޮރިން މިނިސްޓަރާއި، ޖެންޑާ މިނިސްޓަރު އަދި ލޯކަލް ގަވަނަންސް މިނިސްޓަރު ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މިއީ މި ސަރުކާރުގެ ކެބިނެޓަށް އެއް ދުވަހެއްގެ ތެރޭގައި އައި އެންމެ ބޮޑު ބަދަލެވެ. ގިނަ އަދަދެއްގެ ވަޒީރުން އެއްފަހަރާ މަގާމުން ވަކިވުމާ ގުޅިގެން، ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މި ހުސްވި މަގާމުތަކަށް އައު ވަޒީރުން އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.