ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓު ކަމަށްވާ ސޮނެވާ ޖާނީގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ރިސޯޓުގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރިސޯޓުގެ ބައެއް އިމާރާތްތަކުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން މިހާރު ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު، ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.